
ސުންނަތަށް ލޯބިކުރަންތަ؟
11:31 AM
ދިވެހި
މިހާރަކަށް އައިސް ރާއްޖޭގައި ދީނަށް ލޯބިކުރާ އެކި އުމުރުފުރާގެ މީހުން ދަނީ ގިނަވަމުންނެވެ. ޝައްކެއްނެތް ގޮތުގައި، މިއީ އަޅުގަނޑުމެން ކޮންމެ މުސްލިމަކުވެސް އިންތިހާ އަށް އުފާކުރާކަމެކެވެ. މިދަނޑިވަޅުގައި ވިސްނާލަންޖެހޭ އެހެން ކަމެއް އެބައޮތެވެ. އެއީ ތިމަންނަ އަކީ “ސުންނަތަށް ލޯބިކުރާ މީހެކޭ” ބުނެ އިޢުލާންކޮށް، އެކަމަށް ދަޢުވާ ކުރުމުންދާ ބައެއް ފަރާތްތަކުގެ ޢަމަލުތަކާއި މެދުގައެވެ.
“ތިބާ ސުންނަތަށް ލޯބިކުރަންތަ؟” ދާދި ފަހުން އަޅުގަނޑާއި ދިމާވި އަޚަކު އަޅުގަނޑާއި މުޙާތަބްކޮށް ސުވާލުކުރިއެވެ.
“އާނ! ސުންނަތަށް ވަރަށް ޝައުޤުހުރޭ. އަދިވެސް ދޭން އެންމެ ބޭނުންވާ ވަރަށް ލޯބި ނުދެވޭ”
އަޅުގަނޑު ޖަވާބުގައި ބުނީމެވެ.
“އޭ އަޚާ! އަހަރެންމީ ސުންނަތަށް ޢަމަލުކުރާ މީހެއް. އަހަރެން ޙައްޤު ގޮތް ހޯދީ ޤުރުއާނާއި، ސުންނަތުން” އޭނާ ބުންޏެވެ.
މިހެން ބުނުމަށްފަހު، އޭނާ އަޅުގަނޑަށް ކޮންމެވެސް ވެބްސައިޓެއްގެ ލިންކެއް ދީފިއެވެ. ނަމަވެސް މިދިން ސައިޓަކީ މީހުންގެ ތޭރެ މަޤުބޫލު، އިތުބާރުހުރި ޢިލްމުވެރިންނަށް ފުރައްސާރަކޮށް، ޖޯކުޖަހާ، ލާދީނީ އެތައް ވާހަކަތަކެއް އެކުލެވިގެންވާ ސައިޓެކެވެ.
އަޅުގަނޑުގެ އުމުރުން ގާތްގަނޑަކަށް 10 އަހަރުގައި އެއްރެއެއްގެ އިޝާ ނަމާދަށްފަހު މިސްކިތުގައި މަޑުކޮށްލައިގެން ހުއްޓާ “ސުންނަތަށް އުޅޭ ވައްތަރު ޖަހާ” ބަޔަކާއި ދިމާވިއެވެ.
އަޅުގަނޑު އެމީހުންނަށް ސަލާމް ގޮވާލީމެވެ. ނަމަވެސް އެމީހުން ސަލާމަށް އިޖާބަ އެއް ނުދީ ގޮސް، ވަކިން ޖަމާޢަތެއް ހަދައިގެން ނަމާދު ކޮށްފިއެވެ. ނަމާދު ކޮށް ނިމުމަށް ފަހު އަޅުގަނޑު ގާތަށް އައިސް ސަލާމް ބަލައިގަތެވެ.
“ސަލާމް ގޮވުމުން ކިތަންމެ ލަހުން އިޖާބަ ދިނަސް އޯކޭ ތޯ؟”
އަޅުގަނޑު ވަރަށް ޖެހިލުންވެފައި ސުވާލުކުރީމެވެ.
“ދަރިފުޅާ. ތީ އަދި ޅަކުއްޖެއް. ސަލާމް ގޮވުމުން، އެއީ ރަނގަޅު ޞާލިޙު އަޅެއްކަމުގައި ވަންޏާ ސަލާމް ބަލައިގަނޭ” އެމީހުން ޖަވާބުގައި ބުންޏެވެ.
ނަމަވެސް، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ސަލާމް ގޮވުމުން ޖަވާބު ދިނުމަކީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤުތަކުގެ ތެރެއިން ޙައްޤެކެވެ. އިސްލާމް މުދައްރިސުންވެސް އަޅުގަނޑުމެންނަށް ކިޔާދީފައިވަނީ މީހަކު ސަލާމް ގޮވައިފިއްޔާ އަވަހަށް އިޖާބަ ދޭންޖެހޭނެ ކަމަށެވެ. ކީރިތި ޤުރުއާނުގައި ﷲ ޞުބްހާނަހޫވަތައާލާ ވަހީކުރައްވާފައިވެއެވެ
وَإِذَا حُيِّيتُم بِتَحِيَّةٍ۬ فَحَيُّواْ بِأَحۡسَنَ مِنۡہَآ أَوۡ رُدُّوهَآۗ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَىۡءٍ حَسِيبًا
ތިޔަބައިމީހުންނަށް އެއްވެސްކަހަލަ سلام އަކުން سلام ކޮށްފިނަމަ، އެއަށްވުރެ ރިވެތި سلام އަކުން ތިޔަބައިމީހުން سلام ކުރާށެވެ! ނުވަތަ އެ سلام ރައްދުކުރާށެވެ! ހަމަކަށަވަރުން، ކޮންމެ ކަމެއްގެ حساب ބައްލަވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ
( سُوۡرَةُ النِّسَاء 86 )
ކަން މިހެން އޮތްއިރު، ތިމަންނަމެން މިތިބީ އެންމެ ޙައްޤު ގޮތުގައި ކަމަށް ދަޢުވާ ކުރި މީހުންނަށް މިބުނެވެނީ ކީކޭބާވައެވެ؟
ފަހުން އަޅުގަނޑަށް ރަޙްމަތްތެރިއެއްގެ ފަރާތުން އެނގުނު ގޮތުގައި މިބައިމީހުންނަކީ ހުއްދަ ނެތި ޤަވާއިދާއި ޚިލާފަށް ދީނީ ތަޤްރީރުވެސް ދީ ހަދާ ބައެއްކަމުގައެވެ. އަދި އާންމުކޮށް ސުވާލު ކުރިކަމުގައިވިޔަސް ޖަވާބެއް ނުދޭ ކަމަށާއި، ތަޤްރީރުގައި ނަމާދާއި ރޯދައާއި އެހެނިހެން ފަރުޟު ތަކުގެ ވާހަކަ ބާއްވާފައި ކޮންމެވެސް ސުންނަތުގެ ތަންކޮޅެއް ދައްކާ ކަމަށެވެ. މިފަދަ އެތައް ކަމެއް އެމީހުންގެ ފަރާތުން ފެނިގެން ގޮސްފައިވެއެވެ.
ވީމާ، ދީނަށް ލޯބިޖެހި ކީރިތި ޤުރްއާނާއި، ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމްގެ ސުންނަތަށް އުޅެން ބޭނުންވާ ކޮންމެ މީހަކުވެސް މިފަދަ ކަންތަކާއި މެދު ވިސްނާލުން ބުއްދިވެރިއެވެ. ތަނަކުން ދިމާވާ ކޮންމެ ކޮންމެ މީހަކު ދީނޭ ކިޔާފައި ދައްކާ ވާހަކަތައް ޤަބޫލުނުކުރާށެވެ. ގޮތް ނޭނގޭ ވެބްސައިޓްތަކާއި ބްލޮގްތަކުގައި ހުންނަ ވާހަކަތަކުގެ ތެދު ދޮގު ނުބަލާ އެޤަބޫލުނުކުރާށެވެ. އިތުބާރު ހުރި، ރަނގަޅު ޢިލްމުވެރިންގެ ނަޞޭހަތްތައް އަޑުއެހުމަށްފަހު ޙައްޤުގެ މަގަށް ރުޖޫޢަވާށެވެ. ތިމާ ނުދަންނަ ކަންކަމުގައި އިސްލާމް ދީނުގެ ޙަޤީޤީ ޢިލްމުގެ އަހުލުވެރިންނާއި ސުވާލުކޮށް އޮޅުން ފިލުވާށެވެ.
މިރާއްޖޭގައި ތިމަންނަމެންނީ “ސުންނަތަށް ލޯބިކުރާ” މީހުން ކަމަށް ދަޢުވާ ކުރާ ބައެއް މީހުންގެ ޢަމަލުތައް ހުންނަ ގޮތަކީ ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކުރުމާއި، ވަކިން ހުކުރު ކުރުމާއި، ސަލާމްނުކޮށް އެއްބަޔަކު އަނެއް ބަޔަކާއި ގުޅުން ކަނޑާލުމާއި، އެއްބަޔަކު އަނެއް ބަޔަކު ކާފަރުކުރުމާއި، ބިދުޢަވެރިންނަށް ހެދުމާއި، ކޯޓުގައި ރަޖިސްޓްރީނުކޮށް ވަގަށް ކައިވެނި ކުރުމާއި، މިފަދަ ނޭދެވޭ އެތައް އެތައް ކަމެއް ކުރުމެވެ. އަދި ފާހަގަކޮށްލަންޖެހޭ ހިތާމަވެރިކަމަކީ މިބައިމީހުން އާއިލީ ގުޅުން ވެސް ކަނޑާލާ، ޚާއްޞަކޮށް މަންމަ އާއި ބައްޕަ އާއި ވެސް ގުޅުން ކަނޑާލާ ކަމެވެ. މިފަދަ ހަރުކަށި ފިކުރުތަކުގެ މީހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭކަން ދަނެގެން މިބައިމީހުންގެ ފިކުރުގައި ނަމަނަމަ ނުޖެހޭށެވެ.
ވީމާ، ލޮބުވެތި އަޚުންނާއި އެޚުތުންނެވެ. ނަމަނަމަ މުސްލިމުންގެ ޖަމާޢަތާއި ވަކިވެނުގަންނާށެވެ.
ﷲ ގެ މިވަހީ ބަސްފުޅު ހަނދުމަކުރާށެވެ.
“އަދި، ތިޔަބައިމީހުން އެންމެން ﷲގެ ވާފަށުގައި (އެބަހީ: ﷲގެ ދީނުގައި) ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ!”
(سُوۡرَةُ آل عِمرَان 103)
މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ބަޔާންކުރައްވާފައިވާ ހަދީޘްފުޅެއްގެ މާނައިގައިވެއެވެ.
” ތިމަން ކަލޭގެފާނުގެ އުއްމަތް 73 ބަޔަކަށް ބެހިގެން ދާނެއެވެ. އެތަނުން އެންމެ ބައެއް ނޫނީ އެހެން ހުރިހާ ބައިތައް ވާނީ ނަރަކައިގައެވެ.”
އޭ ހައްދަވާބޮޑުކުރެއްވި އިލާހު! އަޅަމެންނަކީ މި އުއްމަތުން ބެހިގެންދާ 73 ޖަމާޢަތުގެ ތެރެއިން ނަރަކައިގައިވާ 72 ޖަމާޢަތުން އެއްކިބާވެ، ސިރާޠުލް މުސްތަޤީމްގެ މަގުގައި ހިފައި، އެއަށް ފުރިހަމަގޮތުގައި ޢަމަލުކޮށް، އޭގައި ސާބިތުވާ ބަޔަކު ކަމުގައި ލައްވާށިއެވެ. آمين
ލިޔުނީ: މުޙައްމަދު އައްޔޫބް




